މާލެ ސަރަހައްދުތަކުގައި ޓެކްސީ ދަތުރުތަކަށް ނަގާ ފީގެ ގޮތުގައި އިއްޔެ ސަރުކާރުން ކަނޑަ އެޅި އަދަަދުތައް ބަލައިނުގަންނަކަމަށް ޓެކްސީ ޑްރައިވަރުން ބުނެފި އެވެ.
އިއްޔެ ސަރުކާރުން އަގުތައް ކަނޑައެޅުމާއި ގުޅިގެން، އެކަމާއި ނުރުހުން ފާޅުކޮށް ޓެކްސީ ޑްރައިވަރުންގެ ޖަމްއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބުނީ، ސަރުކާރުން އަގުތައް ކަނޑައަޅާފައި ވަނީ ޓެކްސީ ޑްރައިވަރުންގެ މަޝްވަރާ ނުހޯދާކަމަށާއި، އެއަގުތައް ބަލައި ނުގަންނަކަމަށެވެ.
ޓެކްސީ ޑްރައިވަރުން ބުނީ، ސަރުކާރުން އާންމުކުރި އަގުތައް ބަލައި ނުގަންނަކަމަށާއި، އެއަގުތައް އަލުން މުރާޖައާ ކުރަންޖެހޭނެކަމަށް ގަބޫލުކުރެވޭކަމަށެވެ. އަދި މިހާރު އާންމުކޮށްފައިވާ އަގުތައް މުރާޖައާކޮށް އެންެމެ އެކަށިގެންވާ އަގުތަކަކަށް ބަދަލުކުރުމުން ނޫނީ ސަރުކާރުން ކަނޑައަޅާ އަގަށް އަމަލު ނުކުރާނެކަމުގެ އިންޒާރު ޓެކްސީ ޑްރައިވަރުން ދީފައި ވެއެވެ. އަދި، މި މައްސަލަ ސަރުކާރަށް އެއްބާރުލުން ދީގެން ހައްލު ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
ޓެކްސީ ޑްރައިވަރުން ބުނީ، މިހާރު ކަނޑައަޅާފައިވާ އަގުތަކަށް އަމަލުކުރާނަމަ، ޓެކްސީ ކުރުމަށްޓަކައި އެމީހުން އަތުން ކުރި ޚަރަދު ފޫނުބެއްދޭނެކަމަށެވެ. އެގޮތުން ޓެކްސީކުރަން ކާރުގަތުމާއި، ޕެޓްރޯލް އެޅުމާއި، ކާރު ސާވިސް ކުރުމަށް ވެސް ބޮޑު ހަރަދެއް ހިނގާއިރު ތަކެތީގެ އަގާއި ކުލި އިންތިހާއަށް ބޮޑުވެފައިވާ ކަން ފާހަގަކުރިއެވެ. އަދި އެނިންމިމުގެ ސަބަބުން ޓެެކްސީ ދުއްވާ މީހުންގެ އާއިލާތަކަށް ދަތިތަކާއި ކުރިމަތިލާންޖެހިދާނެކަމަށް ޓެކްސީ ޑްރައިވަރުން ބުންޏެވެ.
މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރުގައި ޓެކްސީ ކުރެވޭނެ އަގުތައް ސަރުކާރުން ކަނޑައަޅައި އަންނަ ހޯމަ ދުވަހުން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ނިންމާ އިއްޔެ ވަނީ އެކަން އިއުލާނުކޮށްފަ އެވެ.



