ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އާ ބޮޑުވަޒީރާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެގައުމަށް ފައިދާކުރަނިވިގޮތަކަށް ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކުރުމަށް، ވަރަށް ގާތުން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ.
އަދި ބޮޑުވަޒީރުގެ ލީޑަރޝިޕްގައި، ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮންނަ ގުޅުމާއި އަދި ދެގައުމުގެ ރައްޔިތުންގެ ރަހުމަތްތެރިކަން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަަދަހިވެގެންދާނެކަމަށް އުުންމީދުކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ.




