އައްޑޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ސިޓީގައި ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޤާއިމްކޮށް ނިންމުމަށް، ޑެފިނިޓް ސޮލިއުޝަންސް ކުންފުންޏާއި، ފެނަކަ ކޯޕަރޭޝަންއާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި، ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ. ޑެފިނިޓް ސޮލިއުޝަންސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ފައުންޑަރ އަދި ސީ.އީއޯ އަބްދުﷲ ސައީދެވެ.
އަލަށް މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ސީ.ޕީ.އެސް ފުރިހަމަކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގެ އިތުރުން، އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. ދުބާއީގައި ރެޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ ޤައުމުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.
އައްޑޫގައި ސެނޓްރަލް ޕަވަރހައުސްއެއް ޤާއިމްކުރުމަށް، މީގެކުރިން ޗައިނާގެ ޑޮންފަންގ ކުންފުންޏާ ޙަވާލުކޮށްފައިވީނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢު ކުރިއަށް ނުދިޔުމުގެ ސަބަބުން އެ އެއްބަސްވުން ވަނީ ބާތިލްކުރެވިފައެވެ.
މި މަޝްރޫޢުގެ ދަށުން މި ޕަވަރ ސްޓޭޝަންގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، ބެލްޖިއަމް ކުންފުންޏެއްކަމުގައިވާ އަންގްލޯ ބެލްޖިއަން ކޯޕަރޭޝަން (އޭ.ބީ.ސީ)ގެ އުފެއްދުމެކެވެ. ޔޫރަޕްގައި ބޭނުންކުރާ މި ބްރޭންޑްގެ އިންޖީނުތަކަކީ، މިހާރު އައްޑޫގައި ބޭނުންކުރާ ހައި ސްޕީޑް އިންޖީނުތަކާ ޚިލާފަށް ލޯ ސްޕީޑް ޒަމާނީ އިންޖީނުތަކެކެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢު ފުރިހަމަވާއިރު، އައްޑޫ ސީ.ޕީ.އެސްގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެއެވެ. މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙު ވިދާޅުވިގޮތުގައި މި މަޝްރޫޢު ނިމުމާއެކު އައްޑޫސިޓީގެ ދުވަސްވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.
އަންނަ އަހަރުގެ ނިޔަލަށް ނިންމަން ހަވާލުކުރި މި މަޝްރޫއުއަކީ 31 މިލިއަން ޑޮލަރަށް ހަވާލުކުރި މަޝްރޫއުއެކެވެ.



