އަވަށްޓެރި ގަލްފުގެ ގައުމުތަކަށް ހަމަލާނުދޭނެ ކަމަށް އީރާނުން ބުނެ، މިދިޔަ ހުކުރު ދުވަހު މާފަށް އެދުމަށްފަހު އެ ގައުމުތަކަށް އަމާޒުކޮށް އީރާނުން އަނެއްކާވެސް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފިއެވެ.
އީރާނުން އިއްޔެ ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގަތަރާއި، ސައުދީ އަރަބިއާ އާއި، ބަހްރެއިންގެ އިތުރުން އެކުވެރި އަރަބި އިމާރާތް – ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށެވެ.
އީރާންގެ މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.
މި ހަމަލާތައް ދީފައިމިވަނީ، އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ އެންމެ އިސް ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އީރާނުން ބުނަމުންދަނީ ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތަކަކީ އެމެރިކާއާއި އިޒްރޭލުގެ އަމަލުތަކަށް ދޭ ރައްދެއް ކަމަށާއި، ހަމަލާ ދެނީ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ކަމަށެވެ.
ގަލްފުގެ ގައުމުތަކަށް އީރާނުން އަލުން ހަމަލާދޭން ފަށާފައިމިވަނީ، މީގެ ކުރިން ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އެ ގައުމުތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފައި ވަނިކޮށެވެ. ރައީސް ޕެޒެޝްކިއަން ވިދާޅުވެފައިވަނީ، އީރާނަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ބިން ބޭނުންނުކުރާހާ ހިނދަކު، އެ ގައުމުތަކަށް އީރާނުން ހަމަލާނުދޭނެ ކަމަށެވެ. އަދި އީރާނުގެ ވަގުތީ ލީޑާޝިޕް ކައުންސިލުންވެސް ވަނީ އަވަށްޓެރި ގައުމުތަކަށް ހަމަލާނުދިނުމަށް އެއްބަސްވެފައެވެ.
ނަމަވެސް، އޭގެ ފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޕެޒެޝްކިއަން ވަނީ، އީރާނާ ދެކޮޅަށް ހަމަލާދިނުމަށް ބޭނުންކުރާ ސަރަހައްދީ މަރުކަޒުތަކަކީ އީރާނުގެ ދިފާއީ އޮޕަރޭޝަންތަކުގެ “ޝަރުއީ އަމާޒުތަކެއް” ކަމަށް ވިދާޅުވެފައެވެ. މިއާއެކު، އީރާނުގެ އަސްކަރިއްޔާގެ މައްޗަށް ސިޔާސީ ލީޑަރުންގެ ފުރިހަމަ ބާރު ނުހިނގާ ކަމަށާއި، ހަމަލާތަކުގެ އަމާޒުތައް ކަނޑައަޅަނީ ސީދާ އަސްކަރިއްޔާއިން ކަމަށް ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.




