އަންހެނުންގެ ތަރައްގީއަށް އެންމެ މަސައްކަތްކުރާ ސަރުކާރަކީ މިއީ ކަމަށާއި އެ މަސައްކަތުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަރައްގީކޮށްދީފައި ވަނީ ވެސް މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ”ދަ ގްރޭޓާ އައްޑޫ“ ކެމްޕެއިން އިފުތިތާހުކުރުމަށް ރޭގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވެސް ފޮނުއްވައިފައެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ސަރުކާރެއްކަން ނަތީޖާއިން ދައްކަވާފައިވާ ކަމަށެވެެ.
އެމަނިކުފާނު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ކުރިއެރުވުމަށް މިހާތަނަށް ކޮށްފައިވާ މަަސައްކަތްތައް ކުރީ މި ސަރުކާރުން ކަމަށެވެ. އޭގެ ތެރޭގައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބޭ ގޮތަށް ބަދަލު ގެނެސްދިނީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
”އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަރައްގީކުރުމަށް މިއަދާ ހަމައަށް އައިރު ކުރި ކަމެއް ވިއްޔާ ވެސް ކޮށްފައި އޮންނާނީ މި ސަރުކާރުން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވި ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ ފުލްޓައިމް އެގްޒެކްޓިވް މަގާމަކަށް ބަދަލުކޮށްފައި ވަނީ ވެސް މި ސަރުކާރުންނެވެ. އަދި އެ ކޮމިޓީއަށް ލިބެމުން އައި ފަސް ޕަސެންޓު، ދިހަ ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



