ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބޭ ފައިސާއިން ޒަކާތުގެ ބެހެނިވެރީންނަށާއި ބޭނުންތަކަށް ދޫކުރެވޭ މިންވަރު އިތުރުކުރުމަށް ޒަކާތު ފަންޑުގައިވާ ފައިސާ އިންވެސްޓްކުރެވޭނެކަމަށް ކަނޑައަޅާ ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދު އެކުލަވާލައިފިއެވެ.
މި ޤަވާއިދަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ޒަކާތުގެ ޤާނޫނުގެ ދަށުން އެކުލަވާލި ޤަވާއިދެކެވެ.
އެގޮތުން ޒަކާތު ފަންޑު ހިންގުމާ ބެހޭ ޤަވާއިދުގައި ވާގޮތުން އެ ފަންޑަށް ޖަމާކުރަނީ މުދަލު ޒަކާތާއި ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ފަންޑުން ގާއިމްކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާއެވެ. އަދި މި ފަންޑު ހިންގުމުގެ ޒިންމާ މަތިކޮށްފައިވަނީ ޒަކާތުގެ ޤާނޫނުގެ ދަށުން ޒަކާތު ހައުސްއަށެވެ.
ޤަވާއިދުގައި ވާގޮތުން ޒަކާތު ފަންޑު ބަލަހައްޓަންޖެހެނީ މާލިއްޔަތާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ޕަބްލިކް ބޭންކް އެކައުންޓަ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޤާއިމްކުރާ ވަކި އެކައުންޓެއްގައެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާނ،ީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއެވެ. ކަސްޓޯޑިއަންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތު ފަންޑުގެ އެކި އެކައުންޓުތައް އެ އޮތޯރިޓީގައި ހުޅުވައި، އެ އެކައުންޓުތައް ބެލެހެއްޓުން ހިމެނެއެވެ. އަދި ފަންޑުގެ އިންފްލޯއާއި އައުޓްފްލޯ ރިޕޯޓުތައް ޒަކާތު ހައުސްއިން ކަނޑައަޅާ ގޮތެއްގެ މަތީން ތައްޔާރުކުރުމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކާއި ޒަކާތު ހައުސްގެހިސާބުތައް ރިކޮންސައިލް ކުރުން ހިމެނެއެވެ. އަދި ކަސްޓޯޑިއަން ސަރވިސްއަށް އެއްވެސް ފީއެއްނަގާ ނަމަ އެކަމަށް ޚަރަދުކުރާނީ ޒަކާތު ފަންޑުންކަމަށް ޤަވާއިދުގައިވެއެވެ.



