ޔަހޫދީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކާއެކު ފެށިފައިވާ ހަނގުރާމާގައި، ސައުދީ އަރަބިއާއަށް މިއަދު ދިން ހަމަލާއެއްގައި ބަންގްލަދޭޝް މީހަކާއި އިންޑިއާ މީހަކު މަރުވެއްޖެއެވެ.
ސައުދީގެ ސިވިލް ޑިފެންސް އޭޖެންސީން ބުނީ އަސްކަރީ މިސައިލެއް ނުވަތަ ރޮކެޓެއް ފަދަ އެއްޗެއް އާންމުންގެ ސަރަހައްދަކަށް މިއަދު އަމާޒުވެފައިވާ ކަމަށާއި އެ ހާދިސާގައި ބަންގްލާދޭޝް މީހަކާއި އިންޑިއާ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި 12 މީހަކު ޒަހަމް ވެސްވި ކަމަށް ވެސް ބުންޏެވެ. ނަމަވެސް މިއީ އީރާނުން ދީފައިވާ ހަމަލާއެއް ކަމަަކަށް އެ އޭޖެންސީން ބުނެފައެއް ނުވެއެވެ.
މި ހަމަލާ ދީފައިވަނީ ސައުދީގެ ވެރިރަށް ރިޔާޟްގެ ދެކުނުގައި އޮންނަ އަލް ޚަރްޖު ސަރަހައްދަށެވެ. އެ ސަރަހައްދަކީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އެތައް ހަމަލާއެއް މީގެކުރިން އަމާޒުކޮށްފައިވާ، ބޮޑު އެއާ ބޭސްއެއް އޮންނަ ސަރަހައްދެކެވެ.
އީރާނުން ބުނަމުންދަނީ އެ ގައުމުން ހަމަލާ ދެނީ އަވަށްޓެރި ގައުމުތަަކަށް ނޫން ކަމަށާއި އެއީ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ދޭ ހަމަލާތައް ކަމަށެވެ. ނަމަވެސް ގަލްފުގެ ގައުމުތަކުން ބުނަނީ އީރާންގެ ހަމަލާތައް މަދަނީ އެއާޕޯޓްތަކާއި އާންމުން އުޅޭ ސަރަހައްދުތަކަށް ވެސް އަމާޒުވަމުންދާ ކަމަށެވެ.



