މި ރަމަޟާން މަހުގެ ފަހު 10 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ، އެ އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިއުންތައް ބަލައިގަތުމަށާއި، އާންމުންނަށް ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމަށްޓަކައި، ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި، ހުކުރު ހޮނިހިރު ފިޔަވައި، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެ އޮފީހުގެ ރިސެޕްޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.
މީގެއިތުރުން، މި ދުވަސްތަކުގައި އެ އޮފީހުގެ މުވައްޒަފުން އާންމު އުސޫލެއްގެ ގޮތުން މަސައްކަތްކުރާނީ ގޭގައި ތިބެގެން ކަމަށާއި ނަމަވެސް ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، މި މުއްދަތުގައިވެސް، އަދި އަބަދުވެސް http://online.pgo.mv މެދުވެރިކޮށް އެ އޮފީހުގެ ޚިދުމަތްތައް މެދު ނުކެނޑި ލިބޭނެ ކަމަށެވެ.




