އިރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތިން ބޭރުކުރާ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު އިންތިހާއަށް ބޮޑެވެއްޖެއެވެ.
އެގޮތުން ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް %25 މައްޗަށް ގޮސް، ފީފާއެއްގެ އަގު 119.50 ޑޮލަރަށް ވަނީ އަރާފައެވެ. މިއީ 2022 ވަނަ އަހަރުގެ މެދުތެރެއަށްފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ހަމަ އެއާ އެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު ވެސް ވަނީ ފީފާއަކަށް 119.48 ޑޮލަރަށް އުފުލިފައެވެ. މިއީ ތާރީހުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު މިހާ ބޮޑަށް މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އައިޖީ މާކެޓްގެ އެނަލިސްޓެއް ކަމަށްވާ ޓޯނީ ސައިކަމޯ ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތައް ހައްލުވާނެ ފަދަ ނިޝާނެއް ފެންނަން ނެތުމަކީ ބާޒާރުގެ ނުތަނަވަސްކަން އިތުރުވާ ސަބަބެކެވެ. އަދި މީގެ ސަބަބުން އިގްތިސާދަށް ލިބޭ ގެއްލުން ދުވަހުން ދުވަހަށް ދަނީ ބޮޑުވަމުންނެވެ.
މި ސަރަހައްދުގެ ބައެއް ބޮޑެތި ގައުމުތަކުން މިހާރު ވެސް ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފަށާފައެވެ. އައިއެންޖީގެ މާހިރުން ބުނާ ގޮތުގައި އިރާގު، ކުވެއިތު އަދި ޔޫއޭއީން ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ފަށާފައިވާއިރު، ތެޔޮ ރައްކާކުރާނެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް އުފެއްދުންތެރިންނަށް ވަނީ ސަޕްލައި މެދުކަނޑާލަން މަޖުބޫރުވެފައެވެ.
މީގެއިތުރުން، ތެލުގެ އަގު އުފުލުމާ ގުޅިގެން ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން، މެލޭޝިޔާގެ ޕާމް އޮއިލްގެ އަގު %9 އުފުލިފައިވާއިރު، ސޯޔާބީން އޮއިލްގެ އަގު ވަނީ 2022 ވަނަ އަހަރުގެ ފަހުން އެންމެ މަތީ މިންވަރަކަށް އަރާފަ އެވެ. މީގެ އިތުރުން ޒުވާރީގެ އަގުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.



