ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިދާ ބޮޑުވާނީ ރައްޔިތުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މެންބަރު ގާސިމް މިހެން ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އަންނަ އޭޕްރިލް މަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ގާސިމް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބަށްފަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަޤީޤަތެއްކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ 2019 އަދި 2023 ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ. އަދި މިހާރު ކަން ހިނގާގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ރައްޔިތުން 5 އަހަރުގެ ދައުރެއް ދިން ނަމަވެސް އެ ރައީސަކު ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަސް ހޭދަކުރަން ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސަކަށް އިންތިޚާބުވާ ފަރާތެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ ސަބަބުން ޤައުމުގެ ހަމަޖެހުން ގެއްލިގެން ދާ ކަމަށާއި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް ކުރަން ލަސްވެފައިވާ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.




