ޔަހޫދީ އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަަށް ދެމުން ގެންދާ ހަމަލާތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ބުނުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ.
ތެލުގެ ސަޕްލައި ތާށިވެ އަދި ހަނގުރާމަ ދިގުލައިގެންދާނެ ކަމުގެ އަލާމާތްތަކާ އެކު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރުން މަތީގައި ހުރުމަށް ފަހު ޓްރަމްޕުގެ ވާހަކައާ އެކު އަންގާރަ ދުވަހު ވަނީ އެ އަގުތައް 10 ޕަސެންޓް ދަށްވެ ފީފާއެއްގެ އަގު 84 ޑޮލަރަށް ގޮސްފައެވެ.
ނަމަވެސް އެމެރިކާގެ ތެލުގެ ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔުޓީއައި) ގައި މިއަދު ހެނދުނު ތެޔޮ ފީފާއެއްގެ އަގު ހުރީ 88.77 ޑޮލަރުގައެވެ. އެޓްލާންޓިކް އަދި ޔޫރަޕްގެ ތެލުގެ ބެންޗްމާކްގެ ގޮތުގައި ބަލާ ބްރެންޓްގައި 93.36 ގައެވެ. މިއީ ކުރިއަށްވުރެ ގާތްގަނޑަކަށް ހަ ޕަސެންޓުގެ ދަށްވުމެކެވެ.
ޓްރަމްޕު މިހެން ބުނުމުގެ ކުރިން ވެސް ސަޕްލައިގެ ދަތިކަން ހައްލު ކުރުމަށް ރިޒާވް ސްޓޮކް ބޭނުންކުރުމާ ބެހޭ ގޮތުން ސިނާއީ ގައުމުތަކުގެ ޖަމިއްޔާ، ގްރޫޕް އޮފް ސެވަންގެ ފިނޭންސް މިނިސްޓަރުުން މަޝްވަރާއަށް ތައްޔާރުވާން ފެށުމާ އެކު ހޯމަ ދުވަހުން ފެށިގެން އަގު ވަނީ ދަށްވާން ފަށައިފައެވެ.




