ދުވަހުގެ ހޫނުމިން އެންމެ މަތިވާނީ މެންދުރުފަހު 2 ޖަހާއިރު ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓު އޮފީހުން) މިއަދު ބުނެފިއެވެ.
މެޓު އޮފީހުން މިއަދު ބުނީ، ކޮންމެ އަހަރެއްގެ ވެސް މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށެވެ.
މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ، ވައިގެ ތެތްކަމުގެ ނިސްބަތް މަތިކަމަށާއި ދުވާލުގެ ހޫނުމިން މަތިވެގެންދާވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ މިންވަރުގެ ފަރަގު ވެސް ކުޑަކަމަށް މެޓް އޮފީހުން ބުންޏެވެ.
މިއާއެކު، ކުރިއަށް އޮތް އޭޕްރީލް މަހު، އާންމު ގޮތެއްގައި ހުންނަ ވަރަށް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.
މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 11 ޖެހިއިރު މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރީ 36.3 ޑިގްރީ ސެލްސިއަސްގައެވެ. މި ސަރަހައްދުގެ އަސްލު ހޫނުމިން ހުރީ 31 ޑިގްރީގައެވެ.
މެޓުން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމްކޮށްފައި ހުރި އެ އިދާރާގެ އޮފީސްތަކުން ނަގާ ފިނިހޫނުމިނުގެ ހިސާބުތައް ދުވާލަކު ތިން ފަހަރު އާންމުކުރަމުންނެވެ.



