މިދިޔަ ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް 20 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޓް ރެވެނިއު އޮތޯރިޓީ (މީރާ)؛ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި 126 މިލިއަން ލިބިފައިވެއެވެ.
މީރާއިން ވަނީ މިދިޔަ މަހުގެ އާމްދަނީގެ ތަފްސީލްތައް އާންމުކޮށްފައެވެ. މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި 126.85 މިލިޔަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޑޮލަރު އާމްދަނީގެ ގޮތުގައި 137.72 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިއީ 7.9 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ އަހަރަށް ވުރެ މިއަހަރު ޑޮލަރު އާމްދަނީ ދަށްވެފައިވަނީ ޓެކްސް ނޫން އާމްދަނީގެ ތެރެއިން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ދައްކާފައިވާ މިންވަރު ދަށްވުމާއި ގުޅިގެންނެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި 35 މިލިޔަން ޑޮލަރު މިކަމަށް ދައްކާފައިވާއިރު މިއަހަރު ދައްކާފައިވަނީ 5.9 މިލިޔަން ޑޮލަރުކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.



