ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން މީގެ ކުރިންވެސް ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ބަހުސްކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އަންނަނީ ދެބަސްވަމުންނެވެ. ނަމަވެސް މިއީ މީގެކުރިން އެބޭފުޅުން ވެސް ހަދަން ނިންމެވި ގޮތެއް ކަމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން ”އެކްސް“ ގައި މެންބަރު ނާޒިމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ކުރިންވެސް ބަހުސްކުރެވިފައިވާ ކަމަށެވެ.

”އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދުލިބި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީ. އެކަމާ ގުޅޭގޮތުން ޚާއްސަ މަޖިލީހަށް ހުށަހެޅުނު އިސްލާހުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިސްލާހަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިސްލާހެއް“ މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް ވަނީ ކުރީގެ މެންބަރު އިބްރާހީމް އިސްމާޢީލާއި، ޢަލީ ވަޙީދު އަދި ޝާހީން ޙަމީދު ހުށަހެޅުއްވި އިސްލާހުތަކުގެ ފޮޓޯތަކެއް ވެސް އެ ޕޯސްޓުގައި ހިއްސާ ކޮށްފައެވެ. އެއީ 2008 ވަނަ އަހަރުގެ މާރިޗް މަހު އެބޭފުޅުން ހުށަހަޅުއްވާފައިވާ އިސްލާހުތަކެކެވެ.

އެގޮތުން އިބްރާހީމް އިސްމާޢީލާއި އަލީ ވަހީދު ހުށަހެޅި އިސްލާހު ހުށަހަޅާފައިވަނީ 23 މާރިޗް 2008 ގައެވެ. އަދި ޝާހީން ޙަމީދު އިސްލާހު ހުށަހަޅާފައިވަނީ 30 މާރިޗް 2008 ގައެވެ.



