ޝަވަރުމާއަކީ ހަމަޔަގީނުންވެސް މިހާރު ދިވެހީންނަށް އައު އެއްޗަކަށް ނުވާނެއެވެ. އާންމުކޮށް ކެފޭތަކުން ލިބެންހުންނަ މި މީރު ކާނާއަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ އަދި ގިނަ ބަޔަކަށް ވަރަށް ކަމުދާ ލުއި ކާނާއެކެވެ.
އެހެންކަމުން މިފަހަރު މި ކިޔައިދެނީ ޗިކަން ޝަވަރްމާ ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ. މިއީ ނަން މަޝްހޫރު ”ލޮނުމެދު“ ޕޭޖުން ނަގާފައިވާ ރެސިޕީއެކެވެ. މި ރެސިޕީން ތައްޔާރު ކުރެވޭނީ ދެ ޝަވަރުމާއެވެ.
ޝަވަރުމާ ތައްޔާރު ކުރަން ބޭނުންވާ ތަކެތި؛
° ކުކުޅު މެރިނޭޓް ކުރުމަށް:
– 300 ގްރާމް ބޯންލަސް ކުކުޅު
– ¼ ޖޯޑު ޕްލޭން ޔޯގަޓް
– 1 ސައިސަމުސާ ގޭނި ލޮނުމެދު
– 1 ސައިސަމުސާ ތެޅި މިރުސް
– 1 ސައިސަމުސާ މުގުރި ދިރި
– ½ ސައިސަމުސާ މުގުރި ކޮތަނބިރި
– ¼ ސައިސަމުސާ ރީނދޫ
– ½ ސައިސަމުސާ ލޮނު
– 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
° ސޯސް ހަދަން
– 5 މޭޒުމަތީ ސަމުސާ ޕްލޭން ޔޯގަޓް
– 2 މޭޒުމަތީ ސަމުސާ މެޔޮނެއިސް
– 1 ސައިސަމުސާ މާމުއި
– ½ ސައިސަމުސާ ގޭނި ލޮނުމެދު
– 1/8 ސައިސަމުސާ ލޮނު
– ¼ ސައިސަމުސާ މުގުރި އަސޭމިރުސް
° ފުށްގަނޑަށް
– 1 ޖޯޑު ފުށް
– 1 ސައިސަމުސާ ބޭކިންގް ޕައުޑަރ
– ¼ ސައިސަމުސާ ލޮނު
7 މޭޒުމަތީ ސަމުސާ ޔޯގަޓް
° ކުކުޅު ކައްކަން
– 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
° ޓޮޕިންގްއަށް
– ½ ޖޯޑު ކޮށާފައިހުރި ލެޓިޔުސް
– 4 ޓޮމާޓޯ ފޮތި
– 4 ފިޔާ ފޮތި (ވަށްކޮށް ކޮށާފައި)
– ½ ޖޯޑު ކުދިކޮށް ކޮށާފައިހުރި މޮޒަރެލާ ޗީޒް
ތައްޔާރު ކުރާނެ ގޮތް:
° ބޯންލަސް ކުކުޅު ތުނިކޮށް ދިގަށް ކޮށާލާށެވެ.
° ކުކުޅު، ޕްލޭން ޔޯގަޓް، ގޭނި ލޮނުމެދު، ތެޅި މިރުސް، ދިރި، ކޮތަނބިރި، ރީނދޫ، ލޮނު އަދި 1 މޭޒުމަތީ ސަމުސަލުގެ އޮލިވް އޮއިލް ތަށްޓަކަށް އަޅާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
° ކުކުޅުކޮޅު ކައްކަން ވަންދެން ފްރިޖްގައި ބަހައްޓާށެވެ. ބަހައްޓާނީ މަތި ބަންދު ކޮށްފައެވެ.
° ދެން އޮތީ ސޯސް ހެދުމެވެ. ބޭނުންވާ ތަކެތީގެ ތެރެއިން ސޯސް ހަދަން ހުރި ހުރިހާ އެއްޗެއް ބޯތަށްޓެއްގެ ތެރެއަށް އަޅާ ރަނގަޅަށް އެއްކޮށްލާފައި އެހަށް ބަހައްޓާލާށެވެ.
° ދެން އޮތީ ފުށް މޮޑުމެވެ. ފުށާއި، ބޭކިންގް ޕައުޑަރ އަދި ލޮނު ބޮޑު ބޯތަށްޓަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޔޯގަޓް އަޅާފައި ފުށްގަނޑަކަށް ވަންދެން އެއްކޮށްލާށެވެ.
° ދެން ފުށްގަނޑު މޮޑެލެވޭނެ ކަހަލަ ތަނެއްގެ މައްޗަށް ކުޑަ ފުށްކޮޅެއް ބުރުއްސާލާފައި އޭގެ މަތީގައި ފުށްގަނޑު ބާއްވާލާށެވެ. ދެން ފުށްގަނޑު މޮޑެލާފައި ދެ ބަޔަށް ބަހާލާފައި ކޮންމެ ބަޔެއް ފުށްގުޅައެއްހެން ވަށްކޮށްލާށެވެ.
° ރޮށި ދަމާއެތި ބޭނުން ކޮށްގެން ކޮންމެ ފުށްގުޅައެއް ވަށްކޮށް ދަމާލާށެވެ. ދަމާލާނީ 8-9 އިންޗި ޑަޔަމީޓަރުގައި ހުންނަ ގޮތަށެވެ. ދެން އޮތީ ރޮށި ފިހުމެވެ.
° ތަވައެއް މެދު ގިނީގައި ހޫނު ކުރާށެވެ. ދެން ތަވާ މަތީގައި ދެމި ރޮށީގެ ތެރެއިން ރޮށްޓެއް ބާއްވާފައި ރޮށި ފުފި ދެ ފުށަށް ވެސް ކުލަ އަރާލަންދެން ފިހެލާށެވެ. ދެން ތަށްޓަކަށް ނަގާފައި ހަމަ މިގޮތަށް ދެން އޮތް ރޮށިވެސް ފިހެލާށެވެ.
° ދެން ކުކުޅުކޮޅު ކައްކާލާށެވެ. ތެއްޔަކަށް ތެޔޮކޮޅު އަޅާ ހޫނު ކޮށްފައި ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. ދެން ގަދަ ގިނީގައި ކުކުޅު ކޮޅު ރޯފިލާ އެއަށް މުށިކުލަ އަރަންދެން ކައްކާށެވެ. އާންމުކޮށް 10 މިނެޓުން ކުކުޅުކޮޅު ރޯފިލާނެއެވެ.
° ދެން އޮތީ ރޮށީގެ ތެރެއަށް ހުރިހާ އެއްޗެއް އަޅައި އޮޅާލުމެވެ. ރޮށްޓެއް ތަށްޓެއްގައި ބާއްވާފައި އޭގެ މެދުގައި 1 މޭޒުމަތީ ސަމުސަލުގެ ސޯސް ފަތުރާލާށެވެ. ° ދެން ސޯސްގެ މައްޗަށް ¼ ޖޯޑު ލެޓިޔުސް، ކެއްކި ކުކުޅުގެ ދެބައިކުޅަ އެއްބައި، އަނެއްކާވެސް 1 މޭޒުމަތީ ސަމުސަލުގެ ސޯސް، ¼ ޖޯޑުގެ މޮޒަރެލާ ޗީޒް، 2 ފިޔާ ފޮތި އަދި 2 ޓޮމާޓޯ ފޮތި، މި ތަރުތީބުން މަތިމައްޗަށް އަތުރާށެވެ. އަތުރާނީ ރޮށީގެ އެއް އަރިމަތީގައި ރޮނގެއް ގޮތަށެވެ. ދެން ރޮށި އޮޅާލާށެވެ. މާބޮޑަށް ހުޅުވޭ ހެން ހީވަންޏާ ދަތްކޮށްޓިއެއް ބޭނުން ކޮށްލާށެވެ. ދެން އޮތް ރޮށީގެ ތެރެއަށްވެސް ހަމަ މި ގޮތަށް އެއްޗެހި އަޅާ އޮޅާށެވެ. މިހާރު އެހެރީ ޝަވަރުމާތައް އެއްމެ ފަހު ފަހަރަށް ފިހެލަން ތައްޔާރަށެވެ.
° ދެން ތަވައެއް މެދު ގިނީގައި ހޫނު ކޮށްފައި އޭގައި ކުޑަ އޮލިވް އޮއިލް ކޮޅެއް އުނގުޅާލާށެވެ. ދެން ދެ ޝަވަރުމާ ތަވާ މަތީގައި ބާއްވާށެވެ. ޝަވަރުމާތަކަށް ރަން ކުލަ އަރާލަންދެން ޓޯސްޓް ކޮށްލާށެވެ. ޓޯސްޓް ކުރާއިރު އެއްފަހަރު ފުށުން ޖަހާލަން ޖެހޭނެއެވެ. ފުށުން ޖަހާނީ ބަލައިގެން މަޑުމަޑުންނެވެ.
ޗިކަން ޝަވަރްމާ ތައްޔާރުކޮށް ނިމުނީއެވެ. ތައްޓަކަށްލުމަށްފަހު، އެމީހަކު ބޭނުންގޮތަކަށް ގާނިޝްކޮށްލާށެވެ. މިއީ ހުހަށްވެސް ކާލެވޭނެ ކާނާއެކެވެ. ބައެއް ފަރާތްތަކުން ކެޗަޕާ ޖައްސައިގެން ވެސް ޝަވަރްމާ ކައި އުޅެއެވެ.




