ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން އަންނަނީ ބޭރު ޤައުމުތަކުގައި ރާއްޖެ ބަދުނާމު ކުރަމުން ކަމުގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ޕީއެންސީއަށް އޮތް އަޣުލަބިއްޔަތު ބޭނުންކޮށްގެން ރައްޔިތުންނާ ހަމައަށް ނުގޮސް ނިންމައިލެވެން އޮތް ކަމެއް ނަމަވެސް ތެދުވެރިވީމާ އެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ރައްޔިތުންގެ އަރިހަށް ވަޑައިގެން، ރައްޔިތުންނަށް ފެންނަ ގޮތެއް ބެއްލެވުމަށް ކަމަށެވެ.
މިނިސްޓަރ ޚަލީލު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރެއެްވި ދަތުރުފުޅުތަކުގައި، ބައްދަލުވެވަޑައިގަތް ބައެއް ބޭފުޅުން އެ ބޭފުޅުންނާ ހަމައަށް މިކަމުގައި ވަރަށް ގިނަ ޝަކުވާތައް އައިސްފައިވާ ކަމަށް ވިދާޅުވި ކަމަށާއި އިންތިހާބުތައް ގަނޑުބަނޑުކޮށް އެއްކޮށްލަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން އެ ބޭފުޅުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ނިޔަތަކީ އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުންކަަމާއި، އެއީ ދުނިޔޭގެ ވަރަށް ގިނަަ ގައުމުތަކުގައިވެސް އޮންނަ ނިޒާމެއްކަން ސާފުކޮށްދެއްވުމުން އެ އިންތިހާބުތަކުގައި ދިވެހި ރައްޔިތުން ފިޔަވައި އެހެން ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދޭތޯ އެ ބޭފުޅުން ސުވާލުކުރެއްވުމުން އެފަދަ ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން ދެއްވުމާއެކު، މި ސިޔާސަތުގައި އޮތް މައްސަލައަކީ ކޮބައިތޯ އެ ބޭފުޅުންވެސް ސުވާލުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑު ދަންނަވާލަން އޮތީ ހާއްސަކޮށް ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަދައްކަވާ ބޭފުޅުންނަށް، ތިބޭފުޅުން އެއްގޮތަކަށްވެސް ހާސްވެވަޑައިނުގަންނަވާށޭ. ދިވެހި ރައްޔިތުންނޭ މި އިންތިހާބުތަކުގައި ވޯޓުލައްވާނީ. ކޮންމެ އިންތިހާބެއްވެސް މިރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން ބާއްވަންޏާ ވޯޓުދެއްވާނީ ދިވެހި ރައްޔިތުން. އެހެންވީމާ ރައްޔިތުންނާ ހަމައަށް މިގޮތަށް ދިއުމާމެދު ބިރުގަންނާނެ ކަމެއް ނެތް. ރައްޔިތުންނާ ހަމައަށް ދިއުމާމެދު ބިރުގަންނަ ކަމަށްވަަންޏާ ސިޔާސީ ކަންކަމަށް ކުފޫހަމަނުވަނީ“ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޚަލީލު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައެއް ބޭފުޅުން ހިއްސާކުރައްވާ ވާހަކަފުޅުތަކާ ގުޅިގެން ރާއްޖެ ބަދުނާމުވާނެހެން އެކިއެކި ދޮގުތައް ހަދައިގެން ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކާ ގައުމުތަކަށް ފޮނުވަމުންދާ މީހުންނަކީ ހަމަ ދިވެހިން ދަރިންތޯ ހިތްޕުޅުގައި ސުވާލު އުފެދޭ ކަމަށެވެ.


