ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ޝަރުޢީ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކާ ގުޅިގެން މިހާރު ދައްކަން ޖެހޭ އެއްވެސް ދަރަންޏެއް ނޯންނާނެކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ ރައީސް މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ މި އަހަރުގެ އޯޑިނަރީ ކޮންގްރެސްގައި، ފާއިތުވީ ހަތް މަހެއްހައި ދުވަހު އެފްއޭއެމުން ކޮށްފައިވާ ބައެއް މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އައު ޒައާމަތުން އެފްއޭއެމްގެ ހިންގުމާ ހަވާލުވިއިރު، ވަރަށް ގިނަ އަދަދެއްގެ ދަރަނި އެ އެސޯސިއޭޝަންގައި އޮތްކަން ޠާރިޤް ފާހަގަކުރެއްވިއެވެ.
ޠާރިޤް ވިދާޅުވީ، ހުޅުމާލެއިން އެފްއޭ އަށް ލިބިފައިވާ ބިމެއް ސަބްލީސްކުރުމަށް ކޮށްފައިވާ މުއާމަލާތާ ގުޅިގެން، އެފްއޭއިން އެދިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަހުގީގެއްކޮށް އެކަމާގުޅޭ ރިޕޯޓު އާންމުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އެފްއޭއިން އެޑްވާންސްކޮށް ނަގާފައިވާ ފައިސާތަކާ ގުޅިގެން އުފެދިފައިވާ ދަރަނިތަކުގެ ސަބަބުން، މި އަހަރުގެ ބަޖެޓުން ބޮޑު ހޭދައެއް އެކަމަށް ކުރަން ޖެހުނުކަން ޠާރިޤް ފާހަގަކުރެއްވިއެވެ. އެގޮތުން، ގާތްގަނޑަކަށް 70 މިލިއަން ދިވެހި ރުފިޔާގެ ދަރަނި، އެ ކަންކަމުގެ ސަބަބުން ބަޖެޓުގައި އުފެދިފައިވާކަމަށް ޠާރިޤް ވިދާޅުވިއެވެ.



