ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި ފުލުހުން ހޯދަން އިއުލާނުކުރި އަހުމަދު އާމިރު (ބޫގާ) ތަހުގީގަށް ހާޒިރުނުވި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޓިކްޓޮކްގައި ދީނަށް ފުރައްސާރަ ކޮށްފައިވާ ބޫގާ ހައްޔަރުކޮށް، އޭނާއާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.
މިދިޔަ މަހުގެ 24 ގައި ފުލުހުން އޭނާ ހޯދަން އިއުލާން ކުރީ އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެންނެވެ.
ފުލުހުން އެ ދުވަހު އިއުލާނު ކުރީ އިއްޔެ ހަވީރު 4:00 އަށް ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާށެވެ.
ނަމަވެސް އޭނާ ފުލުހަށް ހާޒިރު ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާނެ ކަމަށާއި މައްސަލައިގައި ދެން އަޅާނެ ފިޔަވަޅެއް އެނގޭނީ އެ މައްސަލަ ބަލަމުންދާ ވަރަކަށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބޫގާ މިހާރު އުޅެނީ ޖަޕާނު މީހަކާ ކައިވެނި ކޮށްގެން އެ ޤައުމުގައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އޭނާ ރާއްޖެއަށް ވެސް އާދެއެވެ.



