ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު، ސްވައިޕް އައްޑު ސިޓީގައި ރޭގައި ތައާރަފުކޮށްފިއެވެ.
އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕްގެ ހިދުމަތް އެ ތޮޅުގައި ތައާރަފުކުރި އިރު އައްޑޫގެ ގިނަ ވިޔަފާރިތަކުން މިހާރު ސްވައިޕްގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޑިޖިޓަލް އިގްތިސޯދެއް ގާއިމްކުރުމަށް އޮތް އެންމެ މުހިއްމު އެއްކަމަކީ ހަރުދަނާ އޮންލައިން ޕޭމެންޓް ނިޒާމެއް ގާއިމްކުރުން ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ޕޭމެންޓު ނިޒާމަކީ ސްވައިޕް ކަމަށާއި ސްވައިޕް އަކީ %100 ދިވެހިން އުފައްދާފައިވާ ދިވެހިންގެ އުފެއްދުމެއް ކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
”މިއީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާ އެކު އަވަހަށް އަދި ރައްކާތެރިކަމާ އެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް. މި ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެ އާއި ރާއްޖޭގެ ފިންޓެކް ހުނަރުވެރިކަން ދައްކުވައިދޭ އުފެއްދުމެއް“ ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސްވައިޕް އަކީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަކް ބޭންކަށް ވުމުގެ ލަނޑުދަނޑު ހާސިލްކުރުމަށް ބީއެމްއެލް އިން ކުރާ މަސައްކަތަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ.



