މިއަހަރުގެ މިހާތަނަށް ލޯނާއި އިންޓްރެސްޓަށް އެއް ބިލިއަން ރުފިޔާ ދައްކާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުން ލޯނުތަކުގެ ރީޕޭމެންޓަށް ވަނީ 636 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ފައިނޭންސިން ކޮސްޓް ނުވަތަ އިންޓްރެސްޓްގެ ގޮތުގައި 412 މިލިއަން ރުފިޔާ މިހާރު ވަނީ ދައްކާފައެވެ.
މިއަހަރު ރާއްޖެއިން 18 ބިލިއަން ރުފިޔާ، ދަރަންޏާއި ފައިނޭންސިން ކޮސްޓަށް ދައްކަން ޖެހެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭނީ އަންނަ މަހު ސުކޫކަށެވެ. ސުކޫކު ޕޭމެންޓަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކާނެއެވެ.
ސުކޫކަށް ބޭނުންވާ ފައސާގެ ތެރެއިން 150 މިލިއަން ޑޮލަރު އަދާކުރުމަށް ރާވާފައިވާނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރުފައިސާއިންނެވެ.
އެ ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު ބާކީ ވާ މިންވަރު ރީފައިނޭންސް ކުރުމަށް ވަނީ ނިންމާފަ އެވެ. އެކަން ކުރުމަށްޓަކައި ނަގާ އެއްވެސް ލޯނެއްގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



