ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ޤަވާއިދެއް އެކުލަވާލުމަށް، ޒަކާތު ހައުސްއިން ނިންމަވައިފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލީ ޒަކާތުގެ ޤާނޫނޫގެ ދަށުން 5 މަސްދުވަހުގެ ތެރޭގައި ޤަވައިދުތައް އެކުލަވާލަންޖެހެއެވެ.
ދައުލަތުގެ މީޑިއާއިން ރޭގައި ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވީ ޒަކާތުގެ ޤާނޫނު އައުމުގެ ކުރިން ޒަކާތް ދައްކަންޖެހޭ މީހުންގެ މަޢުލޫމާތުތައް ބަލަހައްޓާފައި ނުވާ ކަމަށާއި ކުރިން ޒަކާތް ދެއްކުން އޮތީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ޒަކާތުގެ ޤާނޫނުގެ ދަށުން ހެދުމަށް ނިންމާފައިވާ ޤަވާއިދުތަކާއެކު މިކަންކަމަށް ބަދަލު އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ޒަކާތުގެ ޤާނޫނުގެ ދަށުން ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ޤަވާއިދެއް އެކުލަވާލާނެކަމަށެވެ. އެއާއެކު ޒަކާތް ދައްކާ މީހުން އިނގިގެންދާނެކަމަށާއި އެ ޤަވާއިދު ވަރަށް އަވަހަށް އެކުލަވާލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”5 މަސްދުވަހުގެ ތެރޭ ޤަވައިދުތައް އެކުލަވާލަން ޖެހޭ. ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދާ ޤަވާއިދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެޒެތް ކުރެވޭނެ.“ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނަރަލް މޫސާ މުޢިއްޒު ވިދާޅުވިއެވެ.
ޒަކާތް ދައްކަން ޖެހޭ މީހުން ރަޖިސްޓްރީވާގޮތަށް ޤަވާއިދު އެކުލަވާލާއިރު ޒަކާތު ހައުސްއިން އަންނަނީ ޒަކާތް ޙައްޤުވާ މީހުންގެ ދަފްތަރުވެސް އަދާހަމަކޮށް ބަލަހައްޓަމުންނެވެ.



