މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ރޫޓުތަކުގައި ހިމެނޭ ފްލައިޓްތަކުގެ %30 ގެއްލުމުން އެކަން ފޫބެއްދުމަށްޓަކައި އިންޑިއާ، ޗައިނާ، އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކަށްފަހު ރައްދުގައި އިރާނުން މެދުއިރުމަތީގެ އެެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފެށުމުން އެ ސަރަހައްދުގައި ވަނީ ބޮޑު ހަނގުރާމައެއް ފެށިފައެވެ.
މީގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ދަތުރުކޮށްފައިވާ ރޫޓަށް ބަލާއިރު އެއިން %30-%35 ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ ސަރަހައްދުގެ އެއާލައިންތަކުންނެވެ. ނަމަވެސް ހަނގުރާމައިގައި ރާއްޖެ ޖައްސާ ގިނަ އެއާލައިންތަކުން ދަތުރުތައް ހުއްޓާލާފައިވާއިރު ކޮންމެ ދުވަހަކު ރާއްޖެއަށް ޝެޑިއުލްކޮށްފައިވާ އެތައް ފްލައިޓެއް ދަނީ ކެންސަލްވަމުންނެވެ.
އެހެންކަމުން މި ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އެކުލަވާލި 9 މިނިސްޓަރުން ހިމެނޭ ކެބިނެޓްގެ ކޮމިޓީން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.
އެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ ޓޫރިޒަމަށް ގެއްލިގެންދާ އާމްދަނީ އަނބުރާ ހޯދުމަށް އެހެން މާކެޓްތަކުން ފްލައިޓްތައް އިތުރުކުރުމާއި އެ މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
”މި ވަގުތު އެންމެ ފޯކަސްއެއް ދީގެން މަސައްކަތްތަކެއް ކުރަން ޖެހޭ ތަންތަނަކީ ޗައިނާ، އިންޑިއާ، އަދި ރަޝިއާ ކަމުގައި ވާތީ އެ ތަންތަނުން ވެސް އިތުރު ފްލައިޓްތައް އެޅުމުގެ މަސައްކަތްތައްކޮށް، ކުރިއެރުންތަކެއް ވަނީ ލިބިފައި،“ މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.



