ގއ. ވިލިނގީލިގައި ބުޅަލަކަށް އަނިޔާ ކޮށް، އެ މަންޒަރު ފެންނަ ވީޑިއޯ އެއް ޓިކްޓޮކަށް ލީ މައްސަލައެއް އެރަށު ޕޮލިސް ސްޓޭޝަނުން ބަލަމުން ގެންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެ ވީޑިއޯ ގައި ޒުވާން ފިރިހެނަކު ބުޅަލެއްގެ އަތުގައި ހިފާ ގެޔެއްގެ ފާރުމަތިން އެއްލާލާ މަންޒަރު ފެނެއެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބުޅަލަށް އަނިޔާ ކުރާ މަންޒަރު ވީޑިއޯ ކޮށް ޓިކްޓޮކަށް ޕޯސްޓުކޮށްފައިވަނީ އެރަށުގައި މަސައްކަތް ކުރާ ފުލުހެކެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބުނާ ގޮތުން ޖަނަވާރަކަށް އަނިޔާ ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.




