ރޯދަ މަހު ޕައިއެއް ނުހަދައިފިނަމަ، ރޯދަ ވީއްލުން ފުރިހަމަވީހެން ހިއެއް ނުވޭ ދޯއެވެ؟ ސަބަބަކީ މިއީ ގިނަ މީހުންނަށް ވެސް ވަރަށް ކަމުދާ، އަދި ގިނަ ގެ ތަކުގައި ރޯދަ މަހުގެ ކޮންމެވެސް އެއްދުވަހެއްގައިވިޔަސް ތައްޔާރު ކޮށްލަން ބޭނުންވާ ޑިޝްއަކަށްވުމެވެ.
އެހެންކަމުން މިފަހަރު މިކިޔައިދެނީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ވެސް ވަރަށް ކަމުދާނެ ”ޗީޒް އެންޑް ޕޮޓޭޓޯ ޕައި“ ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
° 1 ކިލޯގެ އަލުވި (ބޮޑުކޮށް ކޮށާފައި)
° 25 ގުރާމް ބަޓަރު
° 2 ޖޯޑު ކިރު
° 1 ސައިސަމުސާ މަސްޓަޑް
° 255 ގުރާމް ޗެޑަރ ޗީޒް
° 6 ސްޕްރިންގް އޮނިއަން
° 1 ބިސް
° ލޮނާއި ބްލެކް ޕެޕަރ
ތައްޔާރު ކުރާނެ ގޮތް:
° ބޮޑު ތެއްޔަކަށް އަލުވި އަޅައި، އަލުވީގެ މަތިން އަރާވަރަށް ފެން އަޅާލާށެވެ. އަދި އޭގެ ތެރެއަށް 1 ސައިސަމުސާގެ ލޮނު ވެސް އަޅާށެވެ.
° އަލުވި 12-15 މިނެޓަށް ކައްކައި، މަޑުކުރާށެވެ. އެއަށްފަހު ފެން ހުސްކުރުމަށްފަހު، އަލުވި ހިހޫ ވަންދެން ބަހައްޓާށެވެ.
° އަވަން 190 ޑިގްރީގައި ޕްރީހީޓް ކުރަން ޖައްސާލާށެވެ. އަދި ބޭކިން ޑިޝްއެއްގައި ބަޓަރު ހާކާފައި ބަހައްޓާށެވެ. އަލުވި އެއްކޮށް މޭޝް ކުރުމަށްފަހު ބަޓަރާއި ކިރާއި މަސްޓަޑް އަޅައިލާށެވެ. އަދި ޗީޒްގެ ތިންބައިކުޅަ ދެބައި އަޅައި، ސްޕްރިންގް އޮނިއަންއާއި ބިސް ވެސް އަޅައި މިކްސް ކޮށްލާށެވެ. ރަހަލާ ވަރަށް ލޮނާއި ޕެޕާ ވެސް އަޅައިލަންވާނެއެވެ.
° އެއަށްފަހު ބޭކިން ޑިޝްއަށް އަލުވި އަޅައިލާނީއެވެ. މަތި އޮމާންކޮށްލުމަށްފަހު އޭގެ މައްޗަށް ޗީޒް އަޅައިލާށެވެ.
° ޕައި އަވަނުގައި ފިހޭނީ 35-40 މިނެޓަށެވެ. އެހާއިރު ވާއިރު މަތި ހުންނާނީ މުޝި ކުލަ އަރައި، ކްރިސްޕީވެފައެވެ.




