އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ދިފާއުގައި ރައްދު ހަމަލާ ދިނުމުގެ ހައްގު އީރާނަށް އޮންނާނެ ކަމަށާއި، ނަމަވެސް އެ ހަމަލާތައް އަވަށްޓެރި ގައުމުތަކަށް އަމާޒު ނުކުރުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ގޮވާލައިފިއެވެ.
ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅަށް ރައްދު ދިނުމުގެ ހައްގު، ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އީރާނަށް ލިބިގެންވާކަން ހަމާސްއިން ގަބޫލުކުރާ ހިނދު، އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދިނުމަށް އީރާނުގެ އަޚުންނަށް ގޮވާލާ ކަމަށެވެ.
ހަމާސްއިން މިހެން ބުނެފައިވާއިރު އީރާނުން މީގެ ކުރިން ވަނީ އެ ގައުމަށް ހަމަލާދޭން ސަރަހައްދު ބޭނުން ނުކުރާ ގައުމަކަށް ހަމަލާ ނުދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ގަލްފުގެ އެތައް ގައުމަކުން ވަނީ އެ ގައުމުތަކުގެ ސަރަހައްދު ހަމަލާތަކުގައި ބޭނުން ނުކުރާ ކަމަށާއި އެކަމަކު ވެސް އެމެރިކާގެ އަސްކަރީ ތަންތަނަށާއި އާންމުންގެ ސަރަހައްދުތަކަށް ވެސް އީރާނުން ހަމަލާދެމުންދާ ކަމަށް ބުނެފައެވެ.
އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން، ނުރައްކާތެރި ހަނގުރާމައެއް ކުރި ހަމާސް އިން ވަނީ އީރާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރުމަށް ވެސް ގޮވާލައިފައެވެ.
މީގެއިތުރުން، އިޒްރޭލާއި އެމެރިކާއިން ހަމަލާދީ އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު ހަމާސް އިން ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ.



