ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ މަޝްރޫޢަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންއަންނަކަމަށް، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އާދަމް ނަޞީރު ވަނީ އެ މިނިސްޓްރީން ކުރަމުންގެންދަވާ ބައެއް މަސައްކަތްތަކަށާއި، ކުރިއަށް ރޭވިފައިހުރި ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ކުރިއަށްގެންދާ ގައުމީ މަޝްރޫޢަކީ، އެ މިނިސްޓްރީން ޚާއްސަ އިސްކަމެއްދީގެން މިހާރު ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެދަށުން، ރަށްރަށުން މީހުން ތަމްރީނު ކުރުމަށް ކްލާސްތަކެއް ކުރިއަށްގެންދަވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
”ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަކީ، މި ދަންނަވާ މަސައްކަތަށް ބޭނުންވާ ހަގީގީ އެހީތެރިކަން ހޯދުން، ތާރީޚީ ހާދިސާތަކާއި، އަދި ވާހަކަތަކާއި، އެމީހުން ދުށް ތަންތަން. މީގެ ސަބަބުން މީގެ 60އ ވަރަކަށް އަހަރު ކުރީގަ ރާއްޖެ އޮތްގޮތް ވަރަށް ރަނގަޅަށް ދެނެގަނެވޭނެ އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށެއްގެ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރީމަ. މި އެއްކުރެވޭ ހަނދާންތައް ބޭނުންކުރެވޭނެ މި ޒަމާނުގެ އޭއައި ޓެކްނޮލޮޖީއަށް ބޭނުންވާ ކަންކަމަށްވެސް ހަގީގަތުގަ“ މިނިސްޓަރ އާދަމް ނަޞީރު ވިދާޅުވިއެވެ.
އެ މިނިސްޓްރީން ޚާއްސަ އިސްކަމެއްދީގެން ކުރައްވާ މި މަސައްކަތަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.




