ކުރިޔަށް އޮތް އޮލިމްޕިކްސް ގޭމްސް އިން ރާއްޖޭގެ ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ޖާގަ ކަށަވަރުކުރުމަކީ ދިވެހިރާއްޖެއަށް ލިބިގެންދިޔަ ފަޚުރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަނގަކުރައްވައިފި އެވެ.
ދީމާއަށް މަރުހަބާ ވިދާޅުވެ ރައީސް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޓެނިސްކުޅުމުގައި ދެމިހުރެ މޮޅު ކުޅުމެއް ދައްކައި، ރާއްޖެ ފަޚުރުވެރިވާފަދަ ފުރުސަތެއް ދީމާ ހޯދައިދީފައިވާ ކަމަށެވެ. އަދި، މިއީ ރާއްޖެއަށް ވަރަށް ތާރީޚީ ވަގުތުކޮޅެއްކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވަނީ، އޮލިމްޕިކްސްއަށް ކޮލިފައިންވި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ޝަރަފު ދީމާ ހޯދާފައިވާތީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދީމާއަށް ކާމިޔާބީއަށް އެދިވަޑައިގެންފައި ވެއެވެ.
މިއަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސްއަށް ދީނާ ކޮލިފައިވީ ނޭޕާލުގައި ބޭއްވި ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ. އިއްޔެ ކުޅުނު އެމުބާރާތުގެ ފައިނަލް މެޗް ދީމާ ކާމިޔާބު ކުރީ ހަތަރު ސެޓް އެއް ސެޓުންނެވެ. މިއާއެކު، ދީމާ ވެފައިވަނީ އޮލިމްޕިކްސް ގޭމްސްގައި ރާއްޖެ ވާދަކުރާ ފުރަތަމަ އެތުލީޓުގެ އިތުރުން، އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ދީމާ އަކީ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ޅަ އުމުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިޔެކެވެ. ދީނާ ވަނީ އިންޑިއަން އޯޝަން ގޭމްސްއާއި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ މީގެކުރިން ތަމްސީލުކޮށް ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން، 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދާފައިވާއިރު، ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދި އެވެ.




