މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހައްޖުގެ އެއްވެސްކަމަކަށް ބުރޫއެއް ނާރާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް، ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝަހީމް ވަނީ ހައްޖާއި އުމްރާއާ ގުޅޭ ކަންކަމުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
އެގޮތުން މިނިސްޓަރ ޝަހީމް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިއަށްއޮތް ހައްޖު އަޅުކަމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި ހައްޖާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވޭނެ ކަމަށާއި އެކަމާއި ގުޅޭ އިންތިޒާމުތައްވެސް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ހައްޖާގުޅޭ އެންމެހާ ކަންކަން ވަރަށް ފުރިހަމައަށް ގެންދެވޭނެ. ހައްޖާއި ގުޅޭ އިންތިޒާމުތަކުގައި އެންމެ އަވަހަށް އިންތިޒާމު ތައް ނިންމި ޤައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ. ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގައި ދަތުރުކުރާ ހައްޖުވެރިންގެ ވިސާވަނީ އިޝޫ ކުރެވިފައި. އެކަމޮޑޭޝަންނާއި ހައްޖާއި ގުޅޭ އަރަފާތާއި މިނާގެ ކަންކަންވެސް ވަނީ ހަމަޖެހިފައި. ހަނގުރާމައާއި ގުޅިގެން ހައްޖާއި ގުޅޭ އެއްވެސް ކަމެއްގައި އަދި ބުރުލެއް ނާރާނެ“ އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވީ ރަމަޟާންމަހުގެ ފަހު 15ގައި އުމްރާގެ އަޅުކަމަށް ރާއްޖެއިން 2000 އަށްވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާ ކަަމަށާއި ހުރިހާ އުމްރާވެރިންގެ ހާލުވެސް ރަނގަޅުކަމަށެވެ.




