މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލި މީހަކު 4 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމް ކޮށްފައިވަނީ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ / މުޙައްމަދު ޝަފީގެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގާފައިވަނީ 14 ފެބުރުއަރީ 2023ގެ ހަވީރު 3:30 ހާއިރު އެވެ. އެގޮތުން، މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހިނގި މި މާރާމާރީގައި، ޝަފީގު ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ.
ޝަރީއަތުގެ ކުރީކޮޅު ޝަފީގު ވަނީ ދައުވާއަށް އިންކާރުކޮށް، ހާދިސާ ހިނގި ވަގުތު އެތަނުގައި ނުހުންނާނެ ކަމަށް ބުނެ ދިފާއީ ހެކި ވެސް ހުށަހަޅާފަ އެވެ. ނަމަވެސް، މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މަހުގެ 10ގައި ކުރި ހުކުމުގައި ބުނެފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ކުށް ޝަފީގުގެ މައްޗަށް ސާބިތުވާ ކަމަށާއި އޭނާ 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް، މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހުރި މުއްދަތު އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 4 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަމަށެވެ.



