މެދުއިރުމަތީހައި ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، މެދުއިރުމަތީގެ ބައެއް ގައުމުތަކުން ކުރި މަސައްކަތްތަކަށް އެމެރިކާއިން ދެކޮޅުހަދައިފިއެވެ.
ވޮޝިންޓަނާއި ތެހެރާނާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް އޮމާން އާއި މިސްރުން ކުރި މަސައްކަތްތައް މިހާތަނަށް ކާމިޔާބުވެފައި ނުވާއިރު، ވައިޓް ހައުސްއިން ބުނެފައިވަނީ މިވަގުތު އެފަދަ މަޝްވަރާތަކަކަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
އެމެރިކާގެ އިސް އޮފިޝަލަކު ހާމަކުރި ގޮތުގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަސްދުކުރައްވަނީ އަސްކަރީ ހަރަކާތްތައް މިގޮތުގައި ކުރިއަށް ގެންދިއުމަށެވެ.
”މިވަގުތު އެފަދަ ކަމަކަށް ރައީސްގެ ޝައުގުވެރިކަމެއް ނެތް. އަޅުގަނޑުމެން މި އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނަން. ފަހަރެއްގައި މުސްތަގުބަލުގައި އެފަދަ ދުވަހެއް އަތުވެދާނެ، އެކަމަކު މިވަގުތަކު ނޫން،“ އެ އޮފިޝަލް ވިދާޅުވި އެވެ.
އީރާނުން ވެސް ވަނީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އަދި އެ ގައުމުގެ ޝަރުތުތައް ފުރިހަމަނުވާހާ ހިނދަކު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެކޮޅު ހަދާފަ އެވެ. އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ކުރިއަށް އޮތް ތަނުގައި މިފަދަ ހަމަލާއެއް ނުދޭނެ ކަމުގެ ޔަގީންކަން ދިނުމާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުން ހިމެނެ އެވެ.
މި ކުރިމަތިލުންތަކުގައި މިހާތަނަށް 2،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ތެރެއިން ގިނައީ އީރާނުގެ ރައްޔިތުންނެވެ.


