ރާއްޖެއަށް ބޭނުންވާ ތެޔޮ ގެނައުމަށް، ތެޔޮ އެތެރެ ކުރާ އެހެން ފަރާތްތަކާއެކު، ތެލުގެ ސަޕްލައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތަށް އެކަމުގައި އުނދަގުލެއް ނެތް ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.
މިކަމާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ހުރި ތެލުގެ ސްޓޯރޭޖުގައި މައްސަލައެއް ނެތް ކަމަށާއި މި ވަގުތަށް ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެ ކުރުމުގެ ކަންކަން ވަރަށް ވިސްނުންތެރިކަމާއެކު ކުރަމުން އަންނަ ކަމަށެވެ.
ޝިމާދު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާއަށް ބޭނުންވާ ތެޔޮ މި ވަގުތު ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އިތުރު ތެލުގެ ޝިޕްމަންޓު އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެންނާނެ ކަމަށެވެ.
އެސްޓީއޯ އިން ލަފާކުރާ ގޮތުގައި، އާ ތެލުގެ ޝިޕްމެންޓެއް މި މަހުގެ 20 އަދި 23 ގައި ވެސް ރާއްޖެއަށް އަންނާނެއެވެ.
ޝިމާދު ވިދާޅުވި ގޮތުގައި، ތެޔޮ ގެނައުމުގައި މި ވަގުތު ބުރޫނޭރިޔަސް، އަގުތައް ކުރިއަށް އޮތްތަނުގައި ވެސް އުފުލޭނެ އެވެ. ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ރާއްޖެ އަށް ގެންނަ، ސާފުކޮށްފައިވާ ތެލުގެ އަގު 100 ޕަސެންޓަށް ވުރެ މައްޗަށް އުފުލިގެން ދިއުމެވެ.
”އިޝޫއަކަށް އުޅެނީ އަގު. ރާއްޖެ މި އެތެރެ ކުރަނީ ޑީސަލް، ޕެޓްރޯލަކީ އެންމެ ކްލީން ތެޔޮ ރިފައިން ކޮށްފައި ހުންނަ. އޭގެ އަގު ހަނގުރާމަ ފެށުމާ ހަމައަށް މިވަނީ ދެގުނަ އަށް ވުރެ ބޮޑަށް އިތުރުވެފައި“ ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.01 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 17.54 ރުފިޔާ އަށެވެ.


