މި އަހަރުވެސް ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރައްޔިތުންނާ އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އީދު ސަލާން ކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 ން 11:00 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ، މުލިއާގޭގައެވެ.
އީދު ސަލާން ކުރުމުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާފައިވެއެވެ. އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވުމަށްވެސް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާފައިވެއެވެ.
އީދު ސަލާން ކުރަން ވަޑައިގަންނަވާ ބޭފުޅުން މުލިއާގެއަށް ވަނުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލިއާގޭ ބޮޑު ދޮރޯށިންނެވެ. މުލިއާގެއަށް އެދުވަހު ވަދެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.



