ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، ކުރިއަށްގެންދާ ”އަވައްޓެރި ރޯދަ ވީއްލުން“ ސިލްސިލާގެ މިއަހަރުގެ އެންމެ ފަހު ރޯދަ ވީއްލުން މިއަދު ހަވީރު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ރޯދަ ވީއްލުން އޮންނާނީ، މިއަދު ހަވީރު 18:00 ގައި، ހުޅުމާލޭ ފޭސް 1 ގެ ޗަނބޭލީ މަގު (މުހައްމަދު ގާސިމް ޕްރީ ސްކޫލު ކުރިމަތީ) ގައެވެ. މިއީ، މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ހަތަރުވަނަ ރޯދަ ވީއްލުމެވެ.
އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. އަދި އެއަށްފަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ކުރިމަތީގައާއި، ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައިވެސް ވަނީ މިފަދަ ރޯދަ ވީއްލުމެއް ބާއްވާފައެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ”އަވައްޓެރި ރޯދަ ވީއްލުން“ ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމާއި، ހުޅުމާލޭ ރައްޔިތުންގެ މެދުގައި އިޖްތިމާއީ ގުޅުން ވަރުގަދަ ކުރުމެވެ.
އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯއްދަވީއްލުންތައް ބާއްވާފައެވެ.



