ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ، ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މި އިންތިހާބުތަކަށް ވޯޓުލުން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު 17 މާރިޗު ވާ އަންގާރަ ދުވަހުން ފެށިގެން 19 މާރިޗު ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެޕްރީލް މަހުގެ 4 ވަނަ ދުވަހު 3 ވޯޓެއް ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒު ގައެވެ.



