މާލޭ ނޯތު ހާބަރ ސަރަޚައްދު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ، މާލޭ ނޯތު ހާބަރ ސަރަޙައްދުގައި އާންމުކޮށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަށް އެ ކުންފުނިން ދޮގުކޮށްފިއެވެ.
އެމްޕީއެލްއިން އެކަމާ ބެހޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނޫ، މާލޭ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށާއި އެހެންކަމުން، އެކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ޚިދުމަތްތައް ފުޅާކޮށް، ”އޭ ޒޯން“ ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފައެވެ. އެހެންކަމުން، އެމްޕީއެލްއިން ދަނީ އެ ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމުގައި އެ ކުންފުނިން ބުންޏެވެ.
”މި ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުން. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފަ. މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ“ އެމްޕީއެލް އިން ބުނެފައިވެއެވެ.
މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ޚާއްސަކޮށްފައިވާ މާލެ ނޯތު ހާބަރގެ ”ޑީ ޒޯން“، ”އީ ޒޯން“ އަދި ”އެފް ޒޯން“ ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގައެވެ. މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ފަހު، މި ޒޯންތައް އަލުން ހުޅުވާލިއިރު އެމްޕީއެލްއިން އަމަލުކުރަމުންދިޔަ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތް ހެދުން ކަމުގައި ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތަކާ ގުޅޭގޮތުން އެފަދަ ހަގީގަތެއް ނެތް ވާހަކަތަށް ނުފެތުރުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސް ކޮށްފައެވެ.


