މާލެއަކީ ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ އެންމެ މުހިންމު އެއް ހަބަށް ވިނަމަވެސް، ޒަމާނުއްސުރެ މާލޭގެ އުތުރު ބަނދަރުމަތީގައި ހުރި މާރުކޭޓުތަކަކީ ޖާގައިގެ ގޮތުންނާއި، ސާފުތާހިރުކަމުގެ ގޮތުން ބަލާއިރު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ތަންތަނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް، މިހާރު ހުރި ލޯކަލް މާރުކޭޓުގެ ބިމުގައި ބިނާކުރާ ”މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް“ އަކީ މާލޭގެ މަލަމަތި މުޅިން ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެކެވެ.

މި މަޝްރޫއު އަކީ ހަމައެކަނި އިމާރާތެއް އެޅުމެއް ނޫނެވެ. މިއީ މާލޭގެ އާރބަން އިންފްރާސްޓްރަކްޗާރ ޒަމާނީ ފެންވަރަށް ތަަރައްޤީ ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިޔަށްދާނެ ވަރަށް މުހިންމު މަސައްކަތަކެެވެ. ޖުމްލަ 127 މިލިއަން ރުފިޔާގެ މި ބިޔަ މަޝްރޫއު ނިމުމުން، މާލޭގެ މާރުކޭޓު ސަރަހައްދު ފެނިގެންދާނީ ސިންގަޕޫރު ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގެ މާރުކޭޓުތަކާ އެއްފެންވަރުގެ ސާފުތާހިރު، އަދި ހިތްގައިމު ތަނެއްެގެ ގޮތުގައެވެ.
ރައީސް މުއިއްޒުގެ ހަރުދަނާ ލީޑަރޝިޕް
މި މަޝްރޫއަކީ ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރުން ފެށިގެން ކުރައްވަމުން ގެންދެވި އުންމީދީ މަސައްކަތެކެވެ. އޭރު ސަރުކާރުގެ އެކި އުނދަގޫތަކާ ހެދި މި މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، މިއަދު އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މިވަނީ ރައްޔިތުންނަށް އެ އުންމީދު ހަގީގަތަކަށް ހަދައިދެއްވާފައެވެ.

ޖަޕާނު ސަރުކާރުގެ އެހީއާ އެކު ކުރިއަށްދާ މި ބިޔަ މަޝްރޫއަކީ ރާއްޖޭގެ ތަރައްގީއަށް ބޭރުގެ އިތުބާރު ލިބިފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެކެވެ. މީގެ އިތުރުން، މިހާރު ހުރި މަސްމާރުކޭޓު ބިން ހުސްކޮށް އެތަނުގައި މަސްވެރިކަމުގެ ސިނާއަތުގެ ކުންފުނިތަކަށް ހާއްސަ އޮފީސް އިމާރާތެއް އެޅުމަށް ރޭވިފައިވާ ރޭވުމަކީ އިގްތިސާދީ ގޮތުންވެސް މާލެއަށް އަންނާނެ ބޮޑު ކުރިއެރުމެކެވެ.
އިމާރާތުގެ ތަފުސީލާއި ޒަމާނީ ވަސީލަތްތައް
95,000 އަށްވުރެ ގިނަ އަކަފޫޓުގެ މި ބިޔަ ކޮމްޕްލެކްސް ފަރުމާކުރެވިފައިވަނީ ހަ ފަންގިފިލާއަށެވެ. މިއީ މާލޭގެ ބާޒާރުމަތީގެ ތާރީހުގައިވެސް އެޅޭ އެންމެ ފުރިހަމަ އަދި އެންމެ ޒަމާނީ އިމާރާތަށް ވެގެންދާނެއެވެ.
- ބޭސްމަންޓް ޕާކިން: މާލޭގެ ބާޒާރުމަތީގައި އޮންނަ ޕާކިންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، 400 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޒަމާނީ ޕާކިން ޒޯނެއް މި އިމާރާތުގެ ބޭސްމަންޓުގައި ހުންނާނެއެވެ.
- މަސް މާރުކޭޓު (ގްރައުންޑް ފުލޯ): 110 ކިއޮސްކާއެކު، ސާފުތާހިރުކަމާއި އެކު މަސް ވިއްކޭނެ އިންތިޒާމު މި ކޮމްޕްލެކްސްގައި ހަމަ ޖެހިފައި ހުންނާނެއެވެ. އަދި މަސްވެރިންނަށް ބޭނުންވާ 5 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެއްވެސް މި އިމާރާތުގައި ހުންނާނެއެވެ.
- ތަރުކާރީ އާއި މޭވާ (1، 2 އަދި 3 ވަނަ ފަންގިފިލާ): މި ތިން ފަންގިފިލާގައި ޖުމްލަ 345 ކިއޮސްކް ހުންނާނެއެވެ. މިއީ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު މާކެޓްކޮށް، ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމެކެވެ.
- ފުޑް ކޯޓާއި ޓެރަސް: އިމާރާތުގެ އެންމެ މަތީގައި އޮންނާނީ މާލޭގެ ބަނދަރުމަތީގެ ހިތްގައިމު މަންޒަރު ފެންނާނެ ފަދަ ޒަމާނީ ފުޑް ކޯޓެކެވެ. މިއީ އާއިލާތަކަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭނެ ހާއްސަ މާހައުލަކަށް ވެގެންދާނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކަކީ މާލޭގެ އުމްރާނީ ތަރައްގީ އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ކަންކަމެވެ. ބޮޑުތަކުރުފާނު މަގު ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، މިފަދަ ބިޔަ މާރުކޭޓު ކޮމްޕްލެކްސްތައް ބިނާކުރުމަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަވަސް އަދި ފަސޭހަވެގެންދާނެ ކަންކަމެވެ.
އެއް އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި ”ވެޓް މާކެޓް ކޮމްޕްލެކްސް“ އާއެކު، މާލޭގެ މަލަމަތި މުޅިން އާވެ، ކުރިޔަށް ވުރެ ބޮޑަށް، ޒަމާނީ ސިޓީއެއްގެ ސިފަ މާލެއަށް ލިބިގެންދާނެއެވެ. މިއީ ހަމައެކަނި އިމާރާތެއް ނޫނެވެ؛ މިއީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ރައީސް ޑރ. މުއިއްޒު ކުރައްވާ ބުރަ މަސައްކަތުގެ ފޮނި މޭވާއެކެވެ. މާލޭގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ، ސާފުތާހިރު، ތަނަވަސް އަދި ހިތްގައިމު މާހައުލެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ތެރޭގައި ހުޅުވިގެން ދިއުމެވެ.




3 Comments
މިކަން ހާސިލް ވެއްޖެނަމަ، އެސަރަހައްދުގެ ވަރަށް ގިނަ ކަންތައް ރަގަޅުވާނެ.
މިފަދަ ބޮޑެތި ތަރައްގީގެ ފިޔަވަޅުތައް މިސަރުކާރުން އަޅުއްވަމުން ގެންދަވާއިރު، އެއްވެސް ކަމެއްނުކޮށް ފެއިލްވެގެންދިޔަ މީހުން ޒާތްޒާތުގެ ދޮގު ތުހުމަތު ކޮށް ވާހަކަ ފަތުރާތީ ޢަޖައިބުވޭ.
ނުވާނެ، ތިހެެން ކިތެއް މަޝްރޫ ސޮއިކޮއްފި، ހުވަފެނުގަ ގަނޑުވަރު ކުރަހާފަ ވަންނަން ޖިފުޓި ގަޑުވެސް ނުވާނެ