މިއަދު އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޫނުމިން މިއަދު މަތިވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗް މަހާއި އޭޕްރިލް މަހު ރާއްޖޭގެ ހޫނުމިން މައްޗަށް ދެއެވެ.
މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ފިނިހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައި ކަމަށާއި، އިހުސާސްކުރެވޭ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޫނުމިން ތަފާތުވިކަމުގައި ވިޔަސް، ހުރިހާ ސަރަހައްދަކަށް ވެސް ހޫނުމިން މަތިވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މިއަދުގެ ހޫނުމިނަށް ބަލާއިރު، މާލޭގެ ހޫނުމިން އުޅެނީ 32 ޑިގްރީސް ސެލްސިއަސްގައެވެ. އުތުރުން ހަނިމާދޫގައި 29 ޑިގްރީސް ސެލްސިއަސްގައި ހޫނުމިން ހުރިއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ހޫނުމިން ހުރީ 30 ޑިގްރީ ސެލްސިއަސްގައެވެ. މެދު ދެކުނަށް ބަލާލާއިރު، ލ. ކައްދޫގެ ހޫނުމިން އުޅެނީ 30 ޑިގްރީސް ސެލްސިއަސްގައެވެ.



