މާލެ ސަރަހައްދުގައި ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޕީއެސްއެމްގެ ”ރާއްޖެމިއަދު“ ޕްރޮގުރާމުގައި ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މިނިސްޓްރީންކުރަމުންދާ މަސައްކަތް ހިއްސާކުރައްވަމުން، އެ މިނިސްޓްރީގެ ނާއިބު އަލީ މުހައްމަދު ވިދާޅުވީ، ޓެކްސީގެ އަގުތައް ކަނޑައެޅުމަށް މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރަން ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން، މީޓަރު ޓެކްސީ ތައާރަފުކުރުމުގެ ގޮތުން، އެކަމާއި ގުޅޭ ދިރާސާއެއް ހަދައި، މިހާރު އެ ޚިދުމަތް ތައާރަފުކުރުމަށް ބޭނުންވާ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އަލީ ވިދާޅުވި އެވެ.
މިނިސްޓްރީގެ ނާއިބު އަލީ މުހައްމަދު ވިދާޅުވީ، އަމަލީ ގޮތުން މިކަން ފެށުމަށް ބޭނުންވާ ތައްޔާރީތައް ވުމަށް ރޭވިގެން ކަންކަން ކުރިޔަށްދާކަމަށާއި، މި މަސައްކަތުގެ ދަށުން، ޓެކްސީ ޑްރައިވަރުންނާއި، ޓެކްސީ ސެންޓަރުތަކުގެ އިތުރުން ޓެކްސީގެ ޚިދުމަތްދޭ އެޕްލިކޭޝަންސްތައް ހިންގާ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއްވެސް ބާއްވާފައިވާކަމަށެވެ. އަދި މި މަޝްވަރާތަކާއި ދިރާސާތަކުގެ އަލީގައި ވަރަށް އަވަސް މުސްތަގުބަލެއްގައި ޓެކްސީ މީޓަރު ހަރުކުރެވިގެންދާނެކަމަށްވެސް ވިދާޅުވި އެވެ. އަދި، ޓެކްސީ މީޓަރު ހަރުކުރެވުމުން، ޓެކްސީތަކަށް އަގު ކަނޑައެޅުމަށް މިހާރު ކުރިމަތިވެފައިވާ މައްސަލައަށް ޖުމްލަ ހައްލެއް ލިބިގެންދާނެކަމަށް،މިނިސްޓްރީގެ ނާއިބު އަލީ މުހައްމަދު ވިދާޅުވި އެވެ.
ޓެކްސީ މީޓަރު ހަރުކުރަނީ ޒަމާނަށް ފެތޭގޮތަށް، ޑޭޓާ ވަގުތުން ބެލޭނެ އަދި ދަތުރުކުރާ ފަރާތައް ފެންނަހެން ހުންނާނެ ގޮތަކަށެވެ. އަދި މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ތަަރައްގީވަމުން އަންނަ އެހެން ގައުމުތަކެކޭ އެއް ފެންވަރަށް ރާއްޖޭގެ ޓެކްސީގެ ޚިދުމަތްވެސް ޒަމާނާއި އެއްގޮތަށް ބަދަލުކުރުމަށް ކަމަށް މިނިސްޓްރީން ބުނެެފައި ވެއެވެ.
މިނިސްޓްރީ ބުނީ ޓެކްސީގައި މީޓަރު ހަރުކުރުމަށް، ބެލި ބެލުުމުން އާންމުންވެސް އަދި ޓެކްސީ ޑްރައިވަރުންވެސް ޓެކްސީގައި މީޓަރު ހަރުކުރަން ބޭނުންވާކަން ފާހަނގަކުރެވިފައިވާކަމަށެވެ.


