ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވި، ޙުސައިން ސަނީ އުމަރުގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ސަނީ އުމަރުގެ މައްޗަށް މިއަދު ކޯޓަށް ހުށަހެޅި ދައުވާތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެއް ވެސް ހިމެނެއެވެ.
ސަނީ އުމަރުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:
° ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ތިން ދައުވާ: މި ދައުވާތައް އުފުލާފައިވަނީ ތަފާތު ތިން މައްސަލައެއްގައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކަށް އުމުރުން ހަތް އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައަކާއި، އިތުރު ދެ ކުއްޖެއްގެ ގަޔަށް އަތްލި މައްސަލަ ހިމެނެއެވެ. މި ކޮންމެ ކުށަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެއެވެ.
° އަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ: މި ދައުވާ ކުރީ ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުރިކަމަށް ތުހުމަތުކުރެވި، ފޯނު ހަވާލުކުރަން ކޯޓުން އަމުރުކުރުމުން، ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނާ ފޯނު ހަވާލުކޮށްފައި ނުވާތީ ކަމަށް ބުނެފައިވެއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
° ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ: އޭނާ ގެންގުޅުނު ސިމް ކާޑުގެ މައުލޫމާތު އޮޅުވާލައި ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ. މި ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލަތައް ސާބިތުވެއްޖެނަމަ، ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. އެގޮތަށް ކަނޑައަޅައިފިނަމަ، ސަނީ އުމަރުގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް އަންނާނެކަމަށް ވެސް ބުންޏެވެ.




