ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހަދަން ނިންމައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، ކުރީގެ ޣާޒީ ބިލްޑިންގް ހުރި ބިމުގައި ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ، އެ ބިން ސާފު ކުރުމުގެ މަސައްކަތާއި ވަށައިގެން ޓިނު ޖެހުމުގެ މަސައްކަތް ކަމަށެވެ.
ހައުސިންގް މިނިސްޓްރީން ހަވާލުކޮށްފައިވާ ޑިޒައިނަށް އެތަނުގައި ކުދިންނަށް ހިތްފަސޭހަ ކަމާއެކު ކުޅެލެވޭނެ ޕާކެއް ތަރައްގީ ކުރެވޭނެ ކަމަށާއި އަދި މީހުންނަށް އިށީދެ ތިބެވޭނެ ގޮތަށް އެތަން ތަރައްގީ ކުރެވޭނެ ކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.
މީގެއިތުރުން ނަޒީމް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންގޮސް 2 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުން ކަމަށެވެ.
ޣާޒީ ބިލްޑިންގއަކީ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 26 ޖުލައި 1982 ގައި ހުޅުވައި ބޭނުންކުރަން ފެށި އިމާރާތެކެވެ. މި އިމާރާތް ނިސްބަތް ވަނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކޮށްދެއްވި އަދި ރާއްޖޭގެ ޤައުމީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޤައުމީ ބަޠަލު އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާން) ގެ ހަނދާނަށެވެ.
މި އިމާރާތަކީ، ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރި އެންމެ ދުވަސްވީ އިމާރާތެވެ. އެހެންނަމަވެސް 41 އަހަރު ވެފައިވާ އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ގިނަ ދުވަސްވެގެން ހަލާކުވުމުގެ ސަބަބުން ތަޅާލީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.




