މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯއަކަށް އިބްރާހިމް ޒިޔަތު މިއަދު އައްޔަނުކޮށްފިއެވެ.
ޒިޔަތު އެ މަގާމަށް އައްޔަނު ކުރިކަން ހާމަކޮށް އެމްޕީއެލްއިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ އޭނާއަށް މަރުހަބާ ވެސް ކިޔާފައެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އައްޔަނު ކުރި ޒިޔަތު މީގެކުރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.
މީގެއިތުރުން އޭނާއަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެއްވެސް މެއެވެ.
ޒިޔަތު ހިމެނޭގޮތަށް އެމްޕީއެލްގެ ބޯޑުގައި 8 މެމްބަރުން މިހާރު ތިއްބަވައެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ރިޝްވާންއެވެ.



