މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކޭބަލް ޓީވީ ގަވައިދަށް ބަދަލު ގެނައުމުން، 100 ވިޔަފާރިވެރިންގެ ސޮޔާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ، ރާއްޖޭގައި ބިދޭސީންނަށް ކޭބަލް ޓީވީ ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ނުދެވޭ ގޮތަށް ގާނޫނެއް ހަދައިދިނުމަށް އެދިއެވެ.
ވިޔަފާރިވެރިން ބުނީ މި ޕެޓިޝަން ހުށަހަޅަން ޖެހުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދާދި ފަހުން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ. އެބަދަލުގެ ސަބަބުން، ކުރިން ހަމައެކަނި ސައްތައިން ސައްތަ ދިވެހިންނަށް ދެމުން އައި މި ޚިދުމަތް، ބިދޭސީންނަށް ވެސް ދެވޭނެ މަގު ވަނީ ފަހިވެފައި ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.
ޕެޓިޝަން ހުށަހެޅި ފަރާތްތަކުން އޭގައި އެދިފައިވަނީ، ދިވެހިންގެ އަތްމަތީގައި އޮތް މި ވިޔަފާރީގެ ތެރެއަށް ބިދޭސީންނާއި ބިދޭސީ ހިއްސާ އޮންނަ ކުންފުނިތަކަށް ނުވަދެވޭނެ ގޮތަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށެވެ.
މީގެއިތުރުން މި ޕެޓިޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޭބަލް ޓީވީގެ ހިދުމަތްދޭ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް އޭޅޭނެ ފިޔަވަޅެއްކަމަށް ވެސް އޭގައިވެެއެވެ.



