އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިންވެސް ކަނޑައެޅިފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަމުން ދާ ކަމަށް އެސްޓީއޯއިން މިރޭ ބުނެފިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލުމުން، އަމިއްލަ ކުންފުނިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުކުރަން އެސްޓީއޯ އިން ކުރިން ނިންމި ނަމަވެސް، އެ ނިންމުން މިރޭ ވަނީ މުރާޖާ ކޮށްފައެވެ.
މީގެ އިތުރުން، މަސްވެރިންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ ’ފަހިހަކަތަ‘ ޕްރޮގްރާމްގެ ދަށުން ދެމުންދާ ސަބްސިޑީ އަގުތަކަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ވަގުތު މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ލިބޭއިރު، ޑީސަލް ލީޓަރެއްގެ އަގަކީ 17.54 ރުފިޔާއެވެ. އެސްޓީއޯގެ އަމާޒަކީ ދުނިޔޭގެ ބާޒާރުގެ އޮއިވަރާއެކުވެސް ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނެހެން ތެލުގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
އަދި މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވާނެ ކަމަށާއި، އަތޮޅުތެރޭގައި އެސްޓީއޯއިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ބުންޔެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓީއޯއަށް ލިބޭ ފައިދާގެ ބައެއް ސަރުކާރުން ބޭނުންކުރާނެއެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ކޮންމެ ދުވަހަކު ތެލުގެ އަގަށް ބަދަލު ގެންނަ ގައުމެއް ނޫން ކަމަށާއި، އަގު ކަނޑައެޅުމުގައި ބަލަނީ ދުވަސްތަކެއްގެ އެވްރެޖް އަގަށެވެ.
މިއީ ދުނިޔޭގެ ބާޒާރުގައި ތެލާއި ޑީސަލުގެ އަގު 100 އިންސައްތައަށް ވުރެ ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.



