އދ. ދިގުރަށުގައި މި މަހުގެ 13 ވަނަ ދުވަހު ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވުމާއި، އިތުރު ދެ ރައްޔިތަކަށް އަނިޔާވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤް ރަޙްމާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ދިގުރަށުގައި ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެގެންނެވެ.
ފުލުހުން އެ ދުވަހު ބުނީ، އެރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ރައީސް މުޢިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ވަނީ، މި ނުރައްކާތެރި ހާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެޤައުމުގެ ސަރުކާރަށާ، ރައްޔިތުންނާއި، ޚާއްސަކޮށް، ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި، އެމަނިކުފާނާއި، ދިވެހި ރައްޔިތުން ތިބީ، މި ހާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކާ އެކުގައިކަން ހާމަކުރައްވައި، ރައީސް ވަނީ މި ހާދިސާގައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
އަދި، ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަމަށާއި، މި ހާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




