ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްމްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ، 32 އަހަރުގެ ޖަލު ހުކުމެއްކޮށްފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ގޭބަންދުން ޖަލު ބައްދަށް ބަދަލުކޮށްފިއެވެ.
ބައްސާމް ގޭބަންދަށް ބަދަލު ކުރަން ކަރެކްޝަންސްއިން ނިންމާފައި ވަނީ އިއްޔެއެވެ. އެއާއެކު ސޯޝަލް މީޑިއާގައި އެ ވާހަކަ ގަދަވެ، އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.
ބައްސާމް ގޭބަންދަށް ބަދަލުކުރުމުން މީޑިއާތަކުގައި ވެސް އެ ޚަބަރު ރިޕޯޓުކުރި ފަހުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ރޭ ނޫސްވެރިންނަށް ފޮނުވި މެސެޖްގައި ވިދާޅުވެފައިވަނީ، ބައްސާމް ގޭބަންދަށް ބަދަލުކޮށްފައި ވަނީ ސިއްހީ ހާލަތާ ގުޅިގެން ވަގުތީ ގޮތުން ކަމަށެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ކަމެއް އޮފިޝަލު ވިދާޅުވެފައެއް ނުވެއެވެ.
އޭގެ ފަހުން މިއަދު ހެނދުނު މީޑިއާ އޮފިޝަލް ވިދާޅުވީ، ”ބައްސާމް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާގެ ސާޖަރީއަކަށް ފަހު، ޑޮކްޓަރުގެ މެޑިކަލް ލަފާގެ މަތިން“ ކަމަށެވެ. އަދި އޭނާ ގޭބަންދަށް ބަދަލު ކުރަން ނިންމި ނިންމުމަކީ، ކަރެކްޝަންސްއިން އެފަދަ ހާލަތްތަކުގައި އަމަލުކުރަން އޮންނަ ގަވައިދާ އެއްގޮތަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެއިތުރުން ކަރެކްޝަންސް އިން ބުނީ ޖަލުގައި މިވަގުތު ބަހައްޓައިގެން ސާޖަރީއަށް ފަހު ދޭ ފަރުވާއަށް އަވަސްކޮށް ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހުމުން ބައްސާމް ވަނީ ޖަލަށް ބަދަލުކޮށްފައި ކަމަށެވެ.




