ހުޅުމާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެ އޮތޯރިޓީން ބުނީ ހުޅުމާލެ ލޮޓް – 11395ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދި ހަވީރު 6:00 ހާއިރު ކަމަށެވެ.
އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި ވަނީ އަނދައިގެން ގޮސްފައެވެ. އަދި ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރުކޮންމެވެސް ވަރަކަށްކޮށްފައިވާކަން އެނގިފައިވެއެވެ.
އެންޑީއެމްއޭއިން އެ ގޭގައި ދިރިއުޅެމުން ދިޔަ 7 ފަރާތްތަކަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމާ އަދި އަންނައުނު ވަނީ ހަމަޖައްސާދީފައެވެ.
އެންޑީއެމްއޭއިން ބުނީ، އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ކުރަމުންދާކަމަށާއި އެގޭގައި ދިރިއުޅެމުން ދިޔައީ 7 މީހުން ކަމަށާއި އޭގެތެރޭގައި ކުޑަކުއްޖެއްވެސް ހިމެނޭ ކަމަށެވެ. އެ އާއިލާއަށް ފައިސާގެ އެހީތެރިކަންވެސް ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.



