ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ އެ ގެއަކީ ތިރީގައި ކޮފީ ޝޮޕެއް އަދި މަތީގައި ގުދަނެއް ވެސް ހިންގަމުންދާ ގެއެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މާލެ، ގަލޮޅު، ހުވަފެނީގޯޅީގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާންގަނޑު އަދި އެއްކޮށް ކޮންޓްރޯލު ނުކުރެވޭކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މިދުވަސްކޮޅު އަލިފާނުގެ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަވެއެވެ.
އެގޮތުން ހުޅުމާލޭގެ ގެއެއްގައި ވެސް އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައި، ލިބުނު ގެއްލުމުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި ވަނީ އެއްކޮށް އަނދައިގެން ގޮސްފައެވެ. އަދި ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރުކޮންމެވެސް ވަރަކަށްކޮށްފައިވާކަން އެނގިފައިވެއެވެ.
މީގެއިތުރުން އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއްގައި މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަލިފާން ރޯވެގެން ހިނގި ހިތާމަވެރި ހާދިސާގައި 5 ބިދޭސީއަކު ވަނީ ނިޔާވެސްވެފައެވެ.



