ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި އަދާލަތު ޕާޓީން ތާޢީދު ކުރާނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ކަމަށް އެޕާޓީން ނިންމައިފިއެވެ.
އަދާލަތު ޕާޓީން މިގޮތަށް ނިންމިކަން އެ ޕާޓީން ވަނީ ރަސްމީކޮށް މީސްމީޑިއާގައި އިއުލާންކޮށްފައެވެ.
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއެކު ބާއްވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި އަދާލަތު ޕާޓީން ތާޢީދު ކުރާނެ ގޮތް ހާމަކޮށްފައިވަނީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކަށް ފަހުއެވެ. އެ ޕާޓީން ބުނީ، މި ވޯޓުގައި ”ފެންނަކަމަށް“ ވޯޓު ދޭން ނިންމާފައިވަނީ، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ކަމަށެވެ. އަދި މިގޮތަށް ވޯޓު ދިނުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނަގަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ”ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ތަސްދީޤު ކުރުމާއި ގުޅޭގޮތުންނެވެ. މިހާތަނަށް އެ ބިލް ތަސްދީޤު ކުރަން ފެންނަ ކަމަށް ރާއްޖޭގެ ބޮޑު 4 ސިޔާސީ ޕާޓީއަކުން ވަނީ ހާމަކޮށްފައެވެ.




