ހުޅުމާލޭގައި 1،000 ފްލެޓު އަޅަން ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިދިޔަ މަހު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެ 3 ގައި އިމާރާތްކުރާ ”އެފޯޑަބަލް ހޯމް އޯނަޝިޕް“ ގެ ހައުސިން ޔުނިޓުތައް ޑިޒައިންކުރުމާއި އެ ތަން އިމާރާތްކުރަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހަޅަން އަންނަ ހޯމަ ދުވަހާ ހަމައަށް މުއްދަތު ދީފައެވެ.
ނަމަވެސް، ރޭގައި ކުރި އިއުލާނުގައި ވަނީ ޕްރޮޕޯޒަލް ހުށަހަޅަން މި މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދީފަ އެވެ.
މިނިސްޓްރީން ބުނީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އުމްރާނީ ތަރައްގީ އަށް އެހީތެރިވުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެ މީހުންގެ ގާބިލްކަން އިތުރުކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ.



