މިއަދު ހެނދުނު ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ އިރުކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާކަން ސީސީޓީވީ ފުޓޭޖުން ހާމަވެއްޖެއެވެ.
އެ ގޭގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގީ އޭނާ އެ ގެއަށް ވަދެ ކުރި ކަމެއްގެ ސަބަބުންނެވެ.
މިއަދު ހެނދުނު 10:30 ހާއިރު ރޯވެފައި ވަނީ، ދެ ފަންގިފިލާއަށް ހުންނަ ގ. ހިޔާރޯދި ގޭގައެވެ. މި ގެއަކީ މީހުން ދިިރިނޫޅޭ، ކަރަންޓު ވެސް ނުހުންނަ ގެއެކެވެ.
އެގޭގެ ސީސީޓީވީ ފުޓޭޖު ލިބިފައިވާ އޮންލައިން މީޑިއާއަކުން ބުނެފައިވަނީ، އެގެއަށް މީހަކު ވަންނަތަން އެ ފުޓޭޖުން ފެންނަ ކަމަށެވެ. އަދި ހިޔާރޯދި ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫންކަން އަވަށްޓެރި ބައެއް ގެތަކުގެ މީހުންގެ ވާހަކަތަކުން އެނގިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ްެމީހެއިތުރުން އެގޭގައި ހުރި ބައެއް ތަކެތި ނެރުމުގައި ބިދޭސީންތަކެއް މިއަދު ހެނދުނު 9 ޖަހާކަންހާއިރު އުޅުނު ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ބޭވެފައިހުރި ބައެއް ތަކެތި މަގުމައްޗަށް ނެރެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އަލިފާން ރޯވުމުގެ 7 މިނިޓެއްހާއިރު ކުރިން ވޭވް ސައިކަލެއްގައި ފިރިހެނަކު އައިސް އެ ސައިކަލު ޕާކުކޮށް، އެ ގެއަށް ވަދެ އެވެ. އޭރު ބިދޭސީ ބައެއް މަސައްކަތްތެރެއިން ތިބީ ދެވަނަ ފަންގިފިލާގަ އެވެ. ގެއަށް ވަން މީހާ ގާތްގަނޑަކަށް 7 މިނެޓު އެ ގޭގައި ހޭދަ ކުރެ އެވެ. ބެލެވޭ ގޮތުގައި އޭނާ އެރީ ފުރަތަމަ ފަންގިފިލާއަށް ކަމަށް ބިދޭސީންނާއި އެ ގެއަށް ނިސްބަތްވާ މީހުން ވަނީ ބުނެފައެވެ.
އެމީހާ ފުރަތަމަ ފަންގިފިލާއަށް ވަންތަން ބިދޭސީ އެއްވެސް މަސައްކަތްތެރިއަކަށް ނުފެންނަ ކަމަށާއި ބިދޭސީން ތިބީ ދެވަނަ ފަންގިފިލާގައި ކަމަށް މީހަކު ބުނެފައިވެއެވެ. އަދި ފުރަތަމަ ދުން އަރަން ފެށީވެސް ފުރަތަމަ ފަންގިފިލާއިން ކަމަށް ވެސް ބުނެފައިވެއެވެ.
އެ މީހާ އެ ގެއިން ނުކުމެގެން ސައިކަލަށް އެރުމުގެ ކުރިން، ފަސް އެނބުރި އެ އިމާރާތަށް ބަލާ ތަން ވެސް ސީސީޓީވީ ފުޓޭޖުން ފެންނަން ހުއްޓެވެ. އަލިފާން ރޯވެ ދުން އަރަން ފެށީ އެމީހާ އެގެއިން ނުކުތްތާ މިނެޓެއްހާއިރު ފަހުންކަން އެނގިފައިވެއެވެ.




